ވީއައިއޭގައި ފްލައިޓްތަކެއް: ފައިލް ފޮޓޯ ވީއައިއޭ

ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން އުފުލީ އެމިރޭޓްސްއިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަސިންޖަރުން އުފުލާފައިވަނީ އެމިރޭޓްސްއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 444 ފްލައިޓް މޫވްމެންޓާއެކު އެމިރޭޓްސްއިން ވަނީ 39،801 ފަސިންޖަރުން އުފުލާފައެވެ. ދެވަނައަށް އެންމެ ގިނަ ފަސިންޖަރުން އުފުލާފައިވަނީ ގަތަރު އެއާވޭސްއިންނެވެ. 378 ފްލައިޓް މޫވްމެންޓާއެކު ގަތަރު އެއާވޭސްއިން ވަނީ 27،766 ފަސިންޖަރުން އުފުލާފައެވެ.

ތިންވަނައަށް އެންމެ ގިނަ ފަސިންޖަރުން އުފުލާފައިވަނީ އިންޑިގޯއިންނެވެ. 394 މޫވްމެންޓާއެކު އެ އެއާލައިނުން ވަނީ 26،087 ފަސިންޖަރުން އުފުލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މާޗް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 198،116 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 46،541 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 42،417 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޔޫކްރެއިންނެވެ. ޔޫކްރެއިން 13،350 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.