މޯލްޑިވިއަންގެ ފްލައިޓެއް: ފައިލް ފޮޓޯ މޯލްޑިވިއަން ފޭސްބުކް

ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކު ދަތުރު ބޭއްވުމަށް މޯލްޑިވިއަން ތައްޔާރުވެއްޖެ

އަންނަ ހުކުރު ދުވަހުން ފެށިގެން، މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކު ފްލައިޓް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެކަން އިއުލާނުކުރީ، މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންއާ ދެމެދު ކުރާ ދަތުރުތައް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.

މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް މިހާރު ބާއްވަނީ ހަފުތާއަކު ތިން ފްލައިޓެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި އޭޓީސީ ޓަވަރެއް މިވަގުތު ނެތް ނަމަވެސް، އޭޓީސީ ޓަވަރެއް އަޅާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ރޭގަނޑު ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ރަންވޭ ލައިޓިންގް ގާއިމުކުރަން ނިންމާފައިވާ ކަމަށްވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.