ވެސްޓިން މޯލްޑިވްސް ރިސޯޓްގައި ފަތުރުވެރިންތަކެއް- ފައިލް ފޮޓޯ ވެސްޓިން މޯލްޑިވްސް

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 21 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، އޭގެ ކުރީ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު 21 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ޓުރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓިތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ޖޫން މަހު ރާއްޖެއަށް 113،475 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއާއެކު ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 862،589 އަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕްގެ ގައުމުތަކުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 433،847 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ ޖޫން މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 50.3 އިންސައްތައެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 140،265 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އިންޑިއާއިން 82،140 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެއީ ޖޫން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 9.5 އިންސައްތައެވެ.