އެމްޕީއެލް ސަރަހައްދުން ޕިކަޕަށް މުދާ ބަރުކުރަނީ: ފައިލް ފޮޓޯ އެމްޕީއެލް

ބޮޑެތި ވެހިކަލްގައި ކޮންމެ އިރަކުވެސް މުދާ އުފުލުމުގެ ހުއްދަ ދީފި

މާލެ ތެރޭގައި، ހުރިހާ ކެޓަގަރީއެއްގެ ވެހިކަލްގައި ކޮންމެ ވަގުތަކުވެސް މުދާ އުފުލުމުގެ ހުއްދަ ވަގުތީ ގޮތުން ދީފިއެވެ.

މާލޭގައި ވަކި ވަގުތުތަކެއްގައި، 350 ކިލޯއިން ފެށިގެންމަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރި އިއުލާނަކުން މަނާކޮށްފައެވެ.

ކޮވިޑް-19 އާގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްކޫލުތައް ބަންދުކޮށްފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ސްކޫލުތައް ހުޅުވަންދެން، ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މުދާ އުފުލުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތުން 350 ކިލޯގެ ޕިކަޕްގައި، މާލޭގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް ސްކޫލްތައް ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި، މުދާ އުފުލާ ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތައް ދަތުރުކުރުން އޮތީ މަނާކޮށްފައެވެ.