ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައިފި
މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.
މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް؛
މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ
މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ޓްރާންސްޕޯޓް އޮތޯރިޓީން ބުނި ގޮތުގައި މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނަގާނެ އެ ރޭޓުންނެވެ. އެ އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށްވެސް އިތުރު އަގެއް ނެގުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކަމަށް އާއްމު ރައްޔިތުން ޝަކުވާ ކުރަމުންދިއުމާ ގުޅިގެން ޓެކްސީ ސެންތަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ޓެކްސީ ދަތުރުގެ ހިދުމަތް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ފޯރުކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައެވެ.
އެ ގޮތުން މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި، މާލެ ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަން ބޭނުން ކުރަން ޖެހޭނެއެވެ.
ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަންތައް
އަވަސް ރައިޑު
ޕިކްމީ
އެއައީ
ސިނަމާލެ ބްރިޖް ހުޅުވުމާއި ގުޅިގެން، މާލެ-ހުޅުލެ އަދި ހުޅުމާލެ ދެމެދު ކުރެވޭ ދަތުރުތަކަށް ނެގޭނެ އަގުތައް އޭރުގެ ސަރުކާރުން ކަނޑައެޅިއެވެ. ނަމަވެސް ޓެކްސީތަކުން ދިޔައީ އެ އެންގުމާއި ހިލާފަށް އިންތިހާއަށް އަގުބޮޑުކޮށް ޓެކްސީ ދަތުރުތަކަށް އަގު ނަގަމުންނެވެ.