މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރަން އަލުން އިއުލާނުކޮށްފި
މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އަލުން އިއުލާނުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މާލޭގައި ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރާ ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން، މިއަދާއި މާދަމާގެ ހެނދުނު 8:30 ން މެންދުރުފަހު 3:00 އަށް އެމްޑަބްލިޔުއެސްސީ ކަސްޓަމާ ސާވިސް ބިލްޑިންގްގައި ކުރިއަށްދާނެއެވެ. ޕްރީބިޑް މީޓިން މިމަހުގެ 12 ވަނަ ދުވަހުގެ 14:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ބިޑް ހުށަހަޅަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 14:30 އަށެވެ.
ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުގައި މަޝްރޫއުތަކެއް ހިންގިފައިވީނަމަވެސް މި މައްސަލައަށް އަދިވެސް އެކަށީގެންވާ ހައްލެއް ނުލިބެއެވެ.