ބޮޑު އަގު ނަގާ ޓެކްސީތައް 750ރ. އިން ޖޫރިމަނާ ކުރަނީ
މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް މިއަދުން ފެށިގެން ނެގޭނެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާއިރު އެ އަގަށްވުރެ ގިނައިން ފައިސާ ނަގާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ޓެކްސީ ފެއަރ ހަމަޖެއްސުމާއި ގުޅިގެން، ޓެކްސީ ދުއްވާ ފަރާތްތަކުން އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ނަގަމުންދާ ކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުކުރި އިއުލާނާއެކު މިއަދުން ފެށިގެން، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް
މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ
މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
އެ އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށްވެސް އިތުރު އަގެއް ނެގުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރޭގަނޑު 12:00 އިން ހެނދުނު 06:00 އާއި ދެމެދު ކުރާ ދަތުރުތަކަށް 5ރ. ނެގިދާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އެ އަގުތަކުގައި ޓެކްސީ ދަތުރުކޮށްދިނުމަށް މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
ޓެކްސީ ދަތުރުތަކާއި ގުޅޭ ގޮތުން ޝަކުވާ ފުލުހުންގެ ވައިބަރ ނަންބަރު 9926091 އަދި ވަޓްސްއަޕް ނަންބަރު 9888999 އަށް ހިއްސާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެދިފައެވެ. ޝަކުވާ ހުށަހަޅާ ފަސިންޖަރުގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަންބަރު ފޯރުކޮށްދިނުމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން އެދެއެވެ.