ލޯކަލް މާރުކޭޓް: ފައިލް ފޮޓޯ މާލޭ ސިޓީ ކައުންސިލް

މާލޭގެ މާރުކޭޓްތައް ޑިސްއިންފެކްޓްކުރަނީ

މާލޭގެ މާރުކޭޓްތައް ޑިސްއިންފެކްޓްކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓްތައް ބަންދުކުރެވިފައިވާ ކަމަށެވެ. މާރުކޭޓްތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދީފައިވާ ފުރުސަތުގެ ތެރޭގައި މިހާތަނަށް ތަކެތި ނުގެންގޮސް ހުރި ގޮޅިތަކުގެ ވެރިފަރާތްތަކުން ބުދަ ދުވަހުގެ ނިޔަލަށް އެތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

އެ މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި އެފަދަ ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ސާފުކުރުމަށްފަހު މުޅި މާރުކޭޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މާލޭ ސިޓީ ކައުންސިލްގެ އިއުލާނުގައިވެއެވެ.

މާރުކޭޓުން ތަކެތި ނެރުމަށް ހުޅުވަން ހަމަޖެހިފައިވާ ގަޑިތައް: މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 11:00 އިން 02:00 އަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.