މާރުކޭޓް ގޮޅިތަކާއި ބެހޭ ގޮތުން ގޮޅިތައް ބޭނުންވާ ފަރާތްތަކާއި މާލޭ ސިޓީ މޭޔަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން: ފައިލް ފޮޓޯ މާލޭ ސިޓީ ކައުންސިލް

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއަށް ހުށަހެޅި ފޯމްތަކަށް ލިބުނު ޕޮއިންޓް އާންމުކޮށްފި

ދަތުރުވެރިންގެ މާރުކޭޓުން ގޮޅިއަށް އެދި ހުށަހެޅި ފޯމްތަކަށް ޕޮއިންޓް ލިބުނު މިންވަރު އާންމުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ، ހަތަރު ކެޓެގެރީއަކުން ފޯމްތަކަށް ޕޮއިންޓް ލިބުނު މިންވަރު އާންމުކޮށްފައެވެ.

މާރުކޭޓް ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ކެޓެގެރީގައި ހިމެނިފައިވަނީ 42 މީހުން ކަމަށާއި އެ ކެޓެގެރީއަށް ކަނޑައެޅިފައިވާ 40 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ގިނައިން ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން 50.5 އިން ފެށިގެން މަތިން ޕޮއިންޓް ލިބުނު ހަތް ފަރާތަށް ގޮޅި ދިނުމަށްފަހު ބާކީ 33 ގޮޅި، އެ ކެޓެގެރީގައި 40 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް ދެވޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެ ކެޓެގެރީގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައި މާލޭ ސިޓީ ކައުންސިލްގެ "އާންމު ހިދުމަތްތަކާއިބެހޭބައި"ގައެވެ.

ގަވާއިދުން ގޮޅިހިންގުމުގެ ކެޓެގެރީގައި 272 މީހުން ހިމެނިފައިވާއިރު އެކެޓެގެރީ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ގޮޅި ކަމަށާއި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ގިނައިން ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން 45 އަށްވުރެ މަތިން ޕޮއިންޓް ލިބުނު ހަތަރު ފަރާތަށް ގޮޅި ދިނުމަށްފަހު ބާކީ 26 ގޮޅި އެކެޓެގެރީގައި 40 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް ދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ ގެޓެގެރީގެ ގުރުއަތުލުން މާދަމާ މެންދުރު 12:00 ގައި މާލޭ ސިޓީ ކައުންސިލްގެ "އާންމު ހިދުމަތްތަކާބެހޭބައި" ގައި އޮންނާނެއެވެ.

 

އަލަށް ވިޔަފާރި ހިންގުމުގެ ކެޓެގެރީގައި ހިމެނިފައިވަނީ 1525 މީހުންނެވެ. އެ ކެޓެގެރީއަށް 75 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 41.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް 20 ގޮޅި ދިނުމަށްފަހު ބާކީ 55 ގޮޅި އެކެޓެގެރީގައި 41 ޕޮއިންޓާއި 40.5 ޕޮއިންޓާއި ދެމެދުން ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެކެޓެގެރީގެ ގުރުއަތުލުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި މާލޭ ސިޓީ ކައުންސިލްގެ "އާންމު ހިދުމަތްތަކާއިބެހޭބައި" ގައެވެ.

އަންހެނުންގެ ކެޓެގެރީގައި 786 މީހުން ހިމެނިފައިވާއިރު، އެ ކެޓެގެރީއަށް ކަނޑައެޅިފައިވަނީ 20 ގޮޅި ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އެ ކެޓެގެރީ އިން ވެސް ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ކަމަށާއި މާކްސް އެއްވަރުވެގެން ގުރުއަތަަށް ހޮވިފައިވަނީ 46 ޕޮއިންޓް ލިބިފައިވާ ފަރާތްތައް ކަމަށް މާލޭ ސިޓީ ކައުންސިލްގެ އިއުލާނުގައިވެއެވެ. އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މާދަމާ 16:00 ގައި މާލޭ ސިޓީ ކައުންސިލްގެ "އާންމު ހިދުމަތްތަކާބެހޭބައި" ގައި އޮންނާނެއެވެ.