އުރީދޫ: ފައިލް ފޮޓޯ އުރީދޫ

އުރީދޫގެ ޕޯސްޕެއިޑް ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތައިގެ ޑޭޓާ ހިލޭ ދޭން އެ ކުންފުނިން ނިންމައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ބޯނަަސް ޑޭޓާ ދޭން ނިންމީ، ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

އުރީދޫން ބުނީ، މިއީ މަހުގެ ފަހުކޮޅު ކަމަށްވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަކަމެއް އެ ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. އަދި އިތުރު 25 އިންސައްތަ ބޯނަސް ޑޭޓާ، އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އުރީދޫން ވަނީ އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް އެލަވަންސް މީގެ ކުރިން ދީފައެވެ. އޭގެ އިތުރުން އުރީދޫގެ ބިލްތަކަށް، ފައިސާ ދައްކަންޖެހޭ ތާރީހަށް ފައިސާ ނުދެއްކުނު ކަމުގައި ވީނަމަވެސް ހިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.

އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، މޯބައިލް ޑޭޓާ އެޑް-އޯންސްތަކުން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. އަދި ލޯކަލް ނަންބަރުތަކަށް ހިލޭ އެސްއެމްއެސް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.