އުރީދޫ މޯލްޑިވްސް އިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެެއިން: ފޮޓޯ އުރީދޫ މޯލްޑިވްސް

ހިއްސާއަކަށް 3.22ރ. ބަހަން އުރީދޫން ނިންމައިފި

މިދިޔަ އަހަރު އުރީދޫ މޯލްޑިވްސް އަށް ލިބުނު ސާފު ފައިދާ އިން ހިއްސާއަކަށް 3.22ރ. ބަހަން ނިންމައިފިއެވެ.

ހިއްސާއަކަށް 3.22ރ ބަހަން ފާސްކުރީ އުރީދޫ މޯލްޑިވްސް އިން ރޭ ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހާޒިރުވި ހިއްސާދާރުންގެ އިއްތިފާގުންނެވެ. އެ ޖަލްސާއަށް 109 ހިއްސާދާރުން ހާޒިރުވިއެވެ.

އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މިދިޔަ އަހަރަކީ އުރީދޫގެ ތާރީހުގައިވެސް ގިނަ ކާމިޔާބީތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ.

ސީއީއޯ ނަޖީބް ހާން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އުރީދޫއަށް 1.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ އިތުރުން ސާފު ފައިދާ 544 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.