އަލްފަބެޓްގެ އާމްދަނީ ދަށަށް ހިނގައްޖެ
ގޫގުލްގެ ބެލެނިވެރި ކުންފުނި، އަލްފަބެޓްގެ އާމްދަނީ ދަށަށް ހިނގައްޖެއެވެ. މިއީ ތާރީހުގައިވެސް އަލްފަބެޓްގެ އާމްދަނީ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 ގެ ނޭދެވޭ އަސަރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުރާނެ ކަމަށް މީގެ ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އާމްދަނީ ދަށްވި ނަމަވެސް، ވޯލް ސްޓްރީޓް އިން ލަފާކުރި މިންވަރަށްވުރެ އަލްފަބެޓްއަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ދެވަނަ ކުއާޓަރުގައި އަލްފަބެޓްއަށް ލިބުނީ 38.3 ބިލިއަން ޑޮލަރެވެ. އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 37.4 ބިލިއަން ޑޮލަރެެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އަލްފަބެޓްއަށް ލިބުނު އާމްދަނީއަކީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ދެ އިންސައްތަ ދަށް މިންވަރެކެވެ.
ނެޓް އިންކަމްގެ ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އަލްފަބެޓްއަށް ލިބުނީ 9.9 ބިލިއަން ޑޮލަރެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ނެޓް އިންކަމްގެ ގޮތުގައި ލިބުނީ 6.9 ބިލިއަން ޑޮލަރެވެ. ސާޗް ރެވެނިއު އިން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 21.3 ބިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 23.6 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޔޫޓިއުބްގައި އިސްތިހާރު ކުރި މިންވަރު ވަނީ އިތުރުވެފައެވެ. ޔޫޓިއުބް އިސްތިހާރުން 3.81 ބިލިއަން ޑޮލަރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 3.6 ބިލިއަން ޑޮަލަރެވެ. ގޫގުލް ކްލައުޑް އާމްދަނީ ވަނީ 3.01 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި، ގޫގުލް ކްލައުޑަށް ލިބުނީ 2.1 ބިލިއަން ޑޮލަރެވެ.