އިސްތިހާރުގެ އުނދަގޫ ބޮޑުވެގެން 600 އެޕްސް ޕްލޭ ސްޓޯރުން ނަގައިފި

ސްމާޓްފޯނު ބޭނުންކުރާއިރު، ފޯނަށް ފާޑުފާޑުގެ އިސްތިހާރުތައް އައުމަކީ އާންމު ކަމެކެވެ. ނަމަވެސް އެޕްލިކޭޝަން ބޭނުން ނުކުރާ ހާލަތްތަކުގައިވެސް ބައެއް ފަހަރު އިސްތިހާރުތައް އާދެއެވެ. މިބާވަތުގެ އިސްތިހާރުތަކަކީ ގޫގުލް އިން މަނާކޮށްފައިވާ ބާވަތުގެ އިސްތިހާރުތަކެކެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ސީނެޓް އިން ރިޕޯޓްކޮށްފައިވާ ގޮތުން، ގޫގުލްގެ އުސޫލުތަކާއި ހިލާފަށް އިސްތިހާރުތައް ގެންނަ އެޕްލިކޭޝަންތަކެއް މިވަނީ ގޫގުލް ޕްލޭ ސްޓޯރުން ނަގާފައެވެ.

އެގޮތުން ގާތްގަނޑަކަށް 600 އެއްހާ އެޕްލިކޭޝަން، މިވަނީ ގޫގުލް ޕްލޭ ސްޓޯރުން ނަގާފައެވެ. އެކަމާގުޅޭ ގޮތުން ގޫގުލް އިން ބުނި ގޮތުގައި އެ އެޕްލިކޭޝަންތައް ޕްލޭ ސްޓޯރުން ނެގީ ގޫގުލްގެ އިސްތިހާރުގެ އުސޫލުތަކާއި ހިލާފުވުމުންނެވެ.

ފޯނުގެ އެޕްލިކޭޝަންތައް ބޭނުންކުރާއިރުވެސް، ގޭމް އަދި އެކިކަހަލަ އެޕްލިކޭޝަންތަކުގެ އިސްތިހާރުތައް އައުމަކީ އާންމުކަމެކެވެ.