ކޮވިޑް-19: ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ސްކޭމް މެއިލެއް

ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް، ކޮވިޑް-19 އާ ގުޅޭ ގޮތުން ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ސްކޭމް މެއިލެއް ލިބެމުންދާ ކަމަށް ގޫގުލް އިން ބުނެފިއެވެ.

ގޫގުލް އިން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި، މީހުންގެ ޒާތީ މައުލޫމާތު ހޯދުމާއި އޮޅުވާލުމުގެ އަމަލުތައް ބަޔަކު ކުރަމުންދާ ކަމަށެވެ.

ފާއިތުވި ހަފުތާ ތެރޭގައި، ކޮންމެ ދުވަހަކުވެސް 100 މިލިއަނަށްވުރެ ގިނަ ސްކޭމް މެއިލް ބްލޮކް ކުރެވިފައިވާ ކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ. އެ މުއްދަތުގައި ފަސް ވަނައަށް އެންމެ ގިނައީ ކޮވިޑް-19 އާ ގުޅޭ ސްކޭމް މެއިލް ކަމަށާއި ކޮންމެ ދުވަހަކުވެސް ކޮވިޑް-19 އާ ގުޅޭ 18 މިލިއަން ސްކޭމް މެއިލް ލިބެމުންދާ ކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ.

އޮޅުވާލައިގެން މެއިލް ކުރަމުންދާ ފަރާތްތަކުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ނަމުގައިވެސް މެއިލް ކުރަމުންނެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ގޫގުލް އިން ބުނި ގޮތުގައި، އެ ކުންފުނީގެ މެޝިން-ލާނިން ޓޫލް އިން ދަނީ ސްކޭމް މެއިލްގެ 99.9 އިންސައްތަ ސްކޭމް މެއިލް ބްލޮކް ކުރަމުންނެވެ. ގޫގުލްގެ ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރައެވެ.