ދައުލަތަށް 6.8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދު 13 ބިލިއަނަށް
ދައުލަތަށް އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދު 13.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުދަ ދުވަހު ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފުސީލު އާންމުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ 78 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. އަދި 22 އިންސައްތައަކީ ނޮން-ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 5.36 ބިލިއަަން ރުފިޔާ ލިބުނުއިރު، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 1.46 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ހަރަދުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 30 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ. ސެލަރީސް، ވޭޖްސް އަދި ޕެންޝަނަށް 4.93 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު އިދާރި އަދި ހިންގުމުގެ ހަރަދަށް 4.29 ބިލިއަން ރުފިޔާ ވަނީ ވަނީ ހޭދަވެފައެވެ.
އާސަންދައަށް 599.8 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ސަބްސިޑީޒަށް 614 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.