ކެޕިޓަލް އަދި ރިކަރަންޓް ހަރަދު - އަދަދުތައް މިލިއަން ރުފިޔާއިން

ދައުލަތުގެ ހަރަދު 8.8 ބިލިއަނަށް

މިއަހަރު ދައުލަތުން ކުރި ހަރަދު 8.8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދު ވަނީ 8.87 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދު ހުރީ 8.73 ބިލިއަން ރުފިޔާގައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މުސާރަ، އިނާޔަތް އަދި ޕެންޝަނަށް މިއަހަރުގެ މިހާތަނަށް 3.4 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 3.1 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 4.88 ބިލިއަން ރުފިޔާ ލިބިފައިވާއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.