އެޕަލް އިން ފޭސް ޝީލްޑް އުފައްދަނީ

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިންނަށް، ފޭސް ޝީލްޑް ފޯރުކޮށްދިނުމުގެ މަސައްކަތް އެޕަލް ކުންފުނިން ފަށައިފިއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް، ޓްވިޓާގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ބުނީ ސަޕްލައި ޗެއިންގެ ތެރެއިން މިހާތަނަށް 20 މިލިއަން މާސްކް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ސިއްހީ އެހީތެރިންނަށް ފޭސް ޝީލްޑް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓިމް ވަނީ ބުނެފައެވެ.

ފޭސް ޝީލްޑްގެ ފުރަތަމަ ޝިޕްމަންޓް، މިދިޔަ ހަފުތާގައި ހޮސްޕިޓަލަކަށް ފޯރުކޮށްދެވިފައިވާ ކަމަށާއި ފޭސް ޝީލްޑްތަކަށް ޑޮކްޓަރުންގެ ފަރާތުން ލިބުނީ ރަނގަޅު ބަސްތަކެއް ކަމަށް ޓިމް ބުންޏެވެ. ޓިމް ބުނީ މި ހަފުތާ ނިމުމުގެ ކުރިން އެއް މިލިއަން ފޭސް ޝީލްޑް، ސިއްހީ އެހީތެރިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ފަހުން ކޮންމެ ހަފުތާއަކު އެއް މިލިއަން ފޭސް ޝީލްޑް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މިވަގުތު އެމެރިކާގެ ސިއްހީ އެހީތެރިންނަށް ފޭސް ޝީލްޑް ފޯރުކޮށްދިން ނަމަވެސް، އެމެރިކާ ނޫން އެހެން ގައުމުތަކަށްވެސް ފޭސް ޝީލްޑް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓިމް ވަނީ ބުނެފައެވެ. ޓިމްގެ ވީޑިއޯ މެސެޖްގައި ވަނީ އެންމެންވެސް ގޭގައި ތިބުމަށް ނަސޭހަތްތެރިވެފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓިމް ވަނީ ޝުކުރު އަދާކޮށްފައެވެ.