މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 ވަނަ ފަތުރުވެރިޔާ: ފޮޓޯ ޓްވިޓާ އަލީ ވަހީދު

1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ރެކޯޑަކާއެކު، މިއަހަރުގެ 1.5 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށްވީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ މަރީނާ ކަޒަކޯވާއެވެ. 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އާއި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސާލިހް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ 2018 ވަނަ އަހަރުގެ ޖެނުއަރީ އިން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 1.48 މިލިއަން ފަތުރުވެރިންނެވެ. 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1.38 މިލިއަން ފަތުރުވެރިންނެވެ.