އޭޕްރޮންގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އެމްއޭސީއެލް

ވީއައިއޭގައި އޭ380 ފްލައިޓް ޕާކްކުރެވޭ ފެންވަރަށް އޭޕްރަން ތަރައްގީކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު އޭޕްރަން އަށް ބަދަލުތަކެއް ގެނެސް، އޭ380 މަރުކާގެ ފްލައިޓް ޕާކްކުރެވޭ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި 35،000 އަކަ މީޓަރުގެ އޭޕްރަންގެ މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމޭއިރު "2 ކޯޑް އެފް މާސް" ގެ ފެންވަރު ހުންނާނެއެވެ. އޭގެ ސަބަބުން އޭ380 މަރުކާގެ ދެ މަތިންދާބޯޓު ޕާކްކުރެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން 70،000 އަކަ މީޓަރުގެ އޭޕްރަން އެއް ތަރައްގީކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އެމްއޭސީއެލް އިން އޭރު ބުނި ގޮތުގައި އެ އޭޕްރަންގައި 5 ވައިޑް ބޮޑީ އަދި 1 ނެރޯ ބޮޑީ ފްލައިޓް ނުވަތަ 2 ވައިޑް ބޮޑީ އާއި 7 ނެރޯ ބޮޑީ ފްލައިޓް ބޭއްވޭނެއެވެ.

ވީއައިއޭގެ އާ ރަންވޭއަކީ އޭ380  މަރުކާގެ މަތިންދާބޯޓަށް ހިދުމަތް ދެވޭ ފެންވަރުގެ ރަންވޭއެކެވެ. ކޯޑް-އެފް ގެ މި ރަންވޭގެ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. ވީއައިއޭގެ އާ އިންޓަނޭޝަނަލް ފަސެންޖާ ޓާމިނަލްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.