ފްލައިޓްގެ ކުރެހުމެއް

ލަންކާގެ ސްޕާކް އެއާގެ ދަތުރުތައް ފަށަނީ

ސްރީލަންކާގެ އާ އެއާލައިން، ސްޕާކް އެއާގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޮމާޝަލް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މި އެއާލައިންގެ ހަބް އެއްގެ ގޮތުގައި ބޭނުންކުރާނީ މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މި އެއާލައިންގެ ދަތުރުތައް ފަށާއިރު ބޭނުންކުރާނީ އެއާބަސް އޭ330 ގެ ދެ މަތިންދާބޯޓެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ކާގޯ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުންދާ ވަރަކަށް ޕަސިންޖާ ދަތުރުތައްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރެކްރޫޓްމެންޓް މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، 2000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާ އެއާލައިންތަކަށް ލޭންޑިން ޗާޖްސް، އެއާ ފްރައިޓް ޗާޖްސް އަދި ގްރައުންޑް ހޭންޑްލިންގް ޗާޖް ކުޑަކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާއިރު މީގެ ފައިދާ ކުރާނެ ކަމަށް ސްޕާކް އެއާލައިން އިން ވަނީ ބުނެފައެވެ.

މިވަގުތު ދެ މަތިންދާބޯޓާއެކު ދަތުރުތައް ފެށި ނަމަވެސް، ފަހުން ބޯޓުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ އެއާލައިން އިން ވަނީ ބުނެފައެވެ. ކާގޯ ފްލައިޓްތަކަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށާއި އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކަށްވެސް ދަތުރުކުރާނެ ކަމަށް އެ އެއާލައިން ވަނީ ބުނެފައެވެ.