އެމްއެމްއޭ: ފައިލް ފޮޓޯ އެމްއެމްއޭ

ކޮވިޑް-19: އެމްއެމްއޭ އިން އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފި

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރަމުންދާ ގެއްލުންތައް ދެނެގަނެ، އެ ގެއްލުންތައް ކުޑަކުރުމަށް މިވަގުތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށް، މިހާރުން މިހާރަށް މުހިންމު ސިޔާސަތުތައް އެކުލަވާލާ ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެންވެސް އިގްތިސާދީ އެކިއެކި ދާއިރާއަށް ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މިގޮތުން މާލީ ނިޒާމަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭންކްތަކާއެކު މަޝްވާރާކުރެވި އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައެޅިފަ." އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަ ކުރުމަށާއި، މުވައްޒަފުންގެ ވަޒީފާ ގެއްލުނަ ނުދިނުމަށްޓަކައި މާލީ އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަންކަން ބަލަމުންދާ ކަމަށެވެ. ބޭންކްތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި، ލިކުއިޑިޓީ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ރޭވިފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ ނިންމާފައިވާ ކަންކަން:

 

1- ލޯނު ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށްޓަކައި، މިފަދަ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކްތަކަށް އެންގުން. (މިގޮތުން ލޯނު އަނބުރާ ދެއްކުން މަޑުޖައްސާލުމަށްޓަކައި އެފަދަ ފަރާތްތަކުން ޖެހޭނީ އެކަމަށް އެދި ބޭންކަށް ހުށަހަޅާށެވެ).

2- ބޭންކްތަކުން ލިކުޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔާމެންޓް ފަސް އިންސައްތަ އާ ހަމައަށް ދަށްކުރުން.

3- މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެމްއެމްއޭ އިން ކުރު މުުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސުން.

4- އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުުރުމާއި، އެމްއެމްއޭގައި ގާއިމުވެފައިހުރި އެެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުން.

5- އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދުން.

6- އެމްއެމްއޭ އާއި ސަރުކާރާ ގުޅިގެން އައިއެމްއެފް ގެ މާލީ އެހީތެރިކަން ހޯދުން.

އެމްއެމްއޭ އިން ބުނީ މި ހާލަތުގައި އެ އޮތޯރިޓީން ދެމުންދާ ބޭންކިންގް އަދި ޕޭމަންޓް ސިސްޓަމްގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އިދާރާތަކާއި ބޭންކްތަކާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން، ރާއްޖެ އާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.