އާސަންދައަށް 829 މިލިއަން ރުފިޔާ ހޭދަވެއްޖެ

މިއަހަރުގެ ދައުލަތުގެ ބަޖެޓުން އާސަންދައަށް 829 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް، 829.8 މިލިއަން ރުފިޔާ އާސަންދައަށް ހަރަދުވެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް ހިނގި ހަރަދަށްވުރެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް ހަރަދުވެފައިވަނީ 819.4 މިލިއަން ރުފިޔާއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައިވަނީ 950.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން އާސަންދައަށް ކަނޑައެޅި ބަޖެޓުން ބާކީ ހުރީ 121 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ސަބްސިޑީޒަށް ކުރެވުނު ހޭދަ ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީޒަށް 981.7 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ. މިއަހަރުގެ އޮކްޓޫބަރު އަށްވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީޒަށް ހޭދަކުރެވިފައިވަނީ 894.1 މިލިއަން ރުފިޔާއެވެ. ސަބްސިޑީޒަށް މިއަހަރުގެ ބަޖެޓުން 1.04 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ.