މަންޓާ އިން ގެނައި ސީޕްލޭން: ފޮޓޯ މަންޓާ އެއާ ފޭސްބުކް

މަންޓާ އެއާ އިން އިތުރު ސީޕްލޭނެއް ގެނެސްފި

މަންޓާ އެއާގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް އިތުރު ފްލައިޓެއް ގެނެސްފިއެވެ. އިއްޔެ ގެނައި މި ފްލައިޓާއެކު، މަންޓާ އެއާގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް އެ އެއާލައިނުން ގެނައި ފްލައިޓްގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ.

އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. އަދި އެކަމަށްޓަކައި ސީޕްލޭން ޓާމިނަލަކާއި ލައުންޖެއް ވަނީ ހުޅުވާފައެވެ.

މަންޓާ އެއާގެ ސީޕްލޭންތަކަކީ ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލޮޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ފްލައިޓްތަކެކެވެ. މަންޓާ އެއާއިން ވަނީ އެ އެއާލައިންގެ ސީޕްލޭން އޮޕަރޭޝަނަށް ޖުމްލަ 10 ސީޕްލޭން ގެންނަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މަންޓާ އެއާއިން މިހާރުވެސް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ދާލު އެއާޕޯޓާއި ދެމެދު އަދި ވީއައިއޭ އާއި ދަރަވަންދޫ އެއާޕޯޓާއި ދެމެދު ޝެޑިއުލް ކޮމާޝަލް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް އެ އެއާލައިނުން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ފްލައިޓެވެ.