ވޭލް ސަބްމެރިން އިން ކަނޑުގެ 120 ފޫޓު އަޑީގައި ޑިނާއެއް ބާއްވަނީ

ވޭލް ސަބްމެރިންގެ 10،000 ވަނަ ޑައިވް ފާހަގަކުރުމުގެ ގޮތުން ކަނޑުގެ 120 ފޫޓު އަޑީގައި ޑިނާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ވޭލް ސަބްމެރިން އިން ބުނި ގޮތުގައި މިއީ ކަނޑުގެ 120 ފޫޓު އަޑީގައި ޑިނާއެއް ބާއްވާ ދުނިޔޭގެ ފުރަތަމަ ފަހަރެވެ.

"ރޭގަ" އަށް މައުލޫމާތު ދެމުން ވޭލް ސަބްމެރިންގެ އޮފިޝަލަކު ވިދާޅުވީ، ކަނޑު އަޑީގައި ބާއްވާ ޑިނާއަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ރިހާސަލްތައް ބާއްވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވޭލް ސަބްމެރިންއަކީ ފަސިންޖާ ސަބްމެރިންތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުނަށް ޑައިވްކުރެވޭ ސަބްމެރިންނެވެ.

މީގެ 19 އަހަރު ކުރިން ހިދުމަތްދޭން ފެށި ވޭލް ސަބްމެރިން އިން މިހާތަނަށް ވަނީ 350،000 އަށްވުރެ ގިނަ މީހުންނާއެކު ކަނޑުގެ އަޑިއަށް ދަތުރުކޮށްފައެވެ.