ހއ. މަޑުލު

7 ފަޅުރަށެއް ބީލަމަށް

ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ހަތް ފަޅު ރަށެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ ފަޅުރަށްތައް ބީލަމަށް ހުޅުވާލާފައިވަނީ ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުންނެވެ. މިރަށްތައް ބީލަމުގެ އުސޫލުން ދޫކުރާނީ 21 އަހަރުގެ މުއްދަތަށް ކަމަށް އިއުލާނުގައިވެއެވެ.

ބީލަމަށް ހުޅުވާލާ ފަޅުރަށްތައް: އަންދާޒާކުރެވޭ ބޮޑުމިނާއެކު

ހއ. މަޑުލު 16.1 ހެކްޓަރު

ށ. ކަކާއެރިޔަދޫ 14.6 ހެކްޓަރު

ށ. ނެޔޮ 20.6 ހެކްޓަރު

ނ. ތޮޅެންދޫ 16.8 ހެކްޓަރު

ބ. މާއްޑޫ 26.6 ހެކްޓަރު

ޅ. ޅޮއްސަލަފުށި 28.4 ހެކްޓަރު

ގއ. އޮއިނިގިއްލާ 13.5 ހެކްޓަރު

 

އެ ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަކީވެސް މަޤުސަދެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިއުލާނުގައިވާ ގޮތުން އެރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް، އަކަފޫޓަކަށް 10 ލާރިއެވެ. އަދި އެ ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހެއެވެ.