މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފައިލް ފޮޓޯ މަޖިލިސް

އަންނަ އަހަރަށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި، އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 17.85 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.85 ބިލިއަން ރުފިޔާ އަދި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި އާ ކަންކަން ހިމަނާފައިވެއެވެ. އެގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތި ކުރުން ހިމެނެއެވެ. އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށުމަށް ތައްޔާރު ވަމުންދާއިރު ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް އާމްދަނީ އިތުރުކުރުމަށް ވަނީ ރާވާފައެވެ.