ޓޫރިޒަމަށް އިތުރު 35،000 އެނދު އިތުރުކުރަނީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 2023 ވަނަ އަހަރުގެ ނިޔަލަށް އިތުރު 35،000 އެނދު އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ. އެކަން ހާމަކޮށްފައިވަނީ ރޭ އާންމުކުރި މި ސަރުކާރުގެ ފަސްއަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު، މިއަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ 149 ރިސޯޓާއި 10 ހޮޓަލާއި 567 ގެސްޓްހައުސް އަދި 154 ސަފާރިއެވެ. ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ޖުމްލަ އެނދުގެ އަދަދަކީ 47،114 އެވެ.
ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި، ރަޝިޔާ، އިންޑިއާ، މެދުއިރުމަތި އަދި ޗައިނާގެ އިތުރުން އެހެނިހެން މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް 2018 ވަނަ އަހަރާއި އަޅައިބަލާއިރު 20 އިންސައްތަ 2023 ގެ ނިޔަލަށް އިތުރުކުރަންވެސް ވަނީ އަމާޒު ހިފާފައެވެ.
އޭގެ އިތުރުން ޓޫރިޒަމް ޓްރެއިނިން ފަންޑުން، މަދުވެގެން 30،000 މީހުންނަށް މަންފާކުރުވުމަށް އެކްޝަން ޕްލޭންގައި ހިމަނާފައިވެއެވެ.