މަސައްކަތަށް ގެނައި މެޝިނަރީ: ފޮޓޯ ޕްލޭނިން މިނިސްޓްރީ

މާލެ-ތިލަފުށި ބްރިޖްގެ ޖިއޯޓެކްނިކަލް މަސައްކަތަށް މެޝިނަރީތައް ގެނެސްފި

މާލެ އިން ތިލަފުއްޓަށް އަޅަން ނިންމާފައިވާ ބްރިޖުގެ މަޝްރޫއުގެ ޖިއޯޓެކްނިކަލް މަސައްކަތަށް ބޭނުންވާ މެޝިނަރީތައް ރާއްޖެ ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ އިން ހާމަކުރި ގޮތުގައި، ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ޖިއޯޓެކްނިކަލް މަސައްކަތަށް ބޭނުންވާ ސެލްފް އެލެވޭޓިން ޕްލެޓްފޯމާއި ބައެއް ބަރު މެޝިނަރީތައް ރާއްޖެ ގެނެސްފައިވަނީ އިއްޔެއެވެ.

ޖިއޯޓެކްނިކަލް މަސައްކަތް، ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ފުގްރޯ އާއެވެ. ޕްލޭނިންގް މިނިސްޓްރީން ހާމަކުރި ގޮތުގައި ޖިއޯޓެކްނިކަލް މަސައްކަތް ފުގްރޯ ކުންފުނިން ވަރަށް އަވަހަށް ފަށާނެއެވެ. ފުގްރޯ އާއި އެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން ހަވާލުކުރީ 15،994،817 ޑޮލަރަށް މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

ބްރިޖްގެ މަޝްރޫއާ ގުޅޭ ގޮތުން ބޭއްވި މަހާސިންތާގައި މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ އެ ބްރިޖްގައި 6.7 ކިލޯމީޓަރު ހުންނާނެ ކަމަށެވެ.