ދައުލަތަށް ލިބުނު އާމްދަނީ 2.4 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 2.41 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އަދަދަކީ މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ އަދި އެހީވެސް ހިމެނޭ ގޮތަށް ދައުލަތަށް ލިބުނު މިންވަރެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި، އާމްދަނީގެ ގޮތުގައި ދައުލަތަށް 3.12 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދަށް 1.63 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދަށް ދެ ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، މުސާރައާއި އިނާޔަތްތައް އަދި ޕެންޝަނަށް ދައުލަތުން 830 މިިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދަށް 556.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.