މަބްރޫކް

އިންޓަނެޓްގެ އަގު ހެޔޮ ކުރާނީ އެޕްރީލް 1 އިން ފެށިގެން: މަބްރޫކް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިންޓަނެޓްގެ އަގުތައް ހެޔޮކުރުމަށް ގެންނަ ބަދަލުތައް ފެށޭނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލުތަކާއި ބެހޭ ގޮތުން ސަރުކާރުން ޓެލެކޮމް ކޮމްޕެނީތަކާއި ދައްކަންޖެހޭ ވާހަކަތައް ދައްކާ ނިމިފައިވާ ކަމަށެވެ. އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލުތައް، ޓެލެކޮމް ކުންފުނިތަކުން މާދަމާޔާއި އޭގެ އަނެއް ދުވަހު ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިމަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، މިދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މި ދުވަސްވަރު އިންޓަރނެޓް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާކުރާނަން." ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.