މޯލްޑިވިއަންގެ އެއާބަސް މަތިންދާބޯޓެއް: ފައިލް ފޮޓޯ މޯލްޑިވިއަން

"ހައި ރިސްކް" މުވައްޒަފުންނަށް މޯލްޑިވިއަން އިން ޕެއިޑް ލީވް

ކޮވިޑް-19 އަށް "ހައި ރިސްކް" މުވައްޒަފުންނަށް، މޯލްޑިވިއަން އިން ސްޕެޝަލް ޕެއިޑްއާއެކު، 30 ދުވަހާއި ހަމައަށް ޗުއްޓީ ދީފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން، ހިތުގެ ބަލިތައް ހުންނަ މުވައްޒަފުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މުވައްޒަފުންނާއި ކެންސަރު، ހަކުރުބަލި އަދި ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މުވައްޒަފުންނަށް ސްޕެޝަލް ޕެއިޑްއާއެކު 30 ދުވަހާއި ހަމައަށް ވަނީ ޗުއްޓީ ދީފައެވެ. އަދި މާބަނޑު މުވައްޒަފުންނާއި އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށްވެސް ސްޕެޝަލް ޕެއިޑްއާއެކު 30 ދުވަހާއި ހަމައަށް ޗުއްޓީ ދީފަވާކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ވޮލަންޓިއާ ކުރާ މުވައްޒަފުންނަށް، އެއް މަސް ދުވަހާއި ތިން މަސް ދުވަހާއި ހަމައަށް އަންޕެއިޑް ލީވް ދޭން ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އޭގެ އިތުރުން ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، މޯލްޑިވިއަންގެ މެނޭޖްމަންޓާއި ބޯޑް މެންބަރުންގެ މުސާރަ، 20 އިންސައްތަ އާހަމައަށް ކުޑަކުރުމަށް ކުންފުނީގެ މެނޭޖްމަންޓުންނާއި ބޯޑުން ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.