އިޓަލީން ޑޮމިނޯސް ޕިއްޒާ ފައިބައިފި
ޕިއްޒާ އުފެދިގެން އައި އިޓަލީގައި ހުރި ޑޮމިނޯސް ޕިއްޒާގެ އައުޓްލެޓްތައް ބަންދުކޮށްފިއެވެ.
އެމެރިކާގެ ޑޮމިނޯސް ޕިއްޒާ، އިޓަލީއަށް ގެނައީ 2015 ވަނަ އަހަރުއެވެ. އޭރުން ފެށިގެން އެގައުމުގެ ކަސްޓަމަރުންގެ ރުހުން ހޯދުން، ޑޮމިނޯސްއަށް އޮތީ އުނދަގޫ ކަމަކަށްވެފައެވެ.
އިޓަލީގައި ހުރި ޑޮމިނޯސްގެ އައުޓްލެޓްތައް ބަންދުކުރީ ބޭންކްރަޕްޓްވެގެންނެވެ. އިޓަލީން، ޑޮމިނޯސް ފައިބައިގެން ދިޔުމުން، އިޓަލީގެ ބައެއް ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ.
ކޮވިޑް-19 އާއި ދިގު ދެމިގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވެގެން ދިޔަ ކަމަށް އިޓަލީގައި ޑޮމިނޯސް ހިންގާ ފްރެންޗައިޒް ކުންފުނިން ބުނެފައިވެއެވެ.
ޓްރެޑިޝަނަލް ރެސްޓޯރަންޓްތަކުން ޑެލިވަރީ އެޕްލިކޭޝަންތައް ބޭނުންކުރުމަކީވެސް ވާދަވެރިކަން އިތުރުވި ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު، އެ ކުންފުނިން 23 އައުޓްލެޓެއް އިޓަލީގައި ހިންގިއެވެ. އަދި އިތުރު 6 އައުޓްލެޓެއް ސަބް-ފްރެންޗައިޒްކޮށް ހިންގިއެވެ.
ޑޮމިނޯސްއަކީ ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާ ޗެއިންނެވެ. 90 އަށްވުރެ ގިނަ އިންޓަނޭޝަނަލް މާކެޓްގައި ޑޮމިނޯސްގެ 18300 ސްޓޯރް ހުރެއެވެ. ޔޫކޭ އާއި އަޔަލެންޑްގައި އެކަނިވެސް ޑޮމިނޯސްގެ 1200 އަށްވުރެ ގިނަ އައުޓްލެޑް ހުރެއެވެ.