މާފަރު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދިޔައިރު: ފައިލް ފޮޓޯ: މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ފޭސްބުކް ޕޭޖް

މާފަރު އެއާޕޯޓްގެ އެކްސްޓެންޝަން މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްސްޓެންޝަން މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާފަރު އެއާޕޯޓް އެކްސްޓެންޝަންގައި، އެންވާރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) މަރުހަލާގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކަން ރިޖެކްޓްކުރުމުން އެޕީލް ކުރި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު އަސްލަމް ވަނީ، އެންވަޔަރަންމަންޓް މިނިސްޓަރުގެ ފަރާތުން އެންވަޔަރަމަންޓް ކްލިޔަރެންސް މިހާރު ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މަޝްރޫއަށް ފަންޑްކުރަނީ އޭޑީއެފްޑީ އިން ކަމަށާއި އޭޑީއެފްޑީގެ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނާއި ހިލާފު ނުވާ ގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.