ސުއޭޒް ކެނަލުން ބޯޓެއް ދަތުރުކުރަނީ - ފައިލް ފޮޓޯ ސުއޭޒް ކެނަލް އޮތޯރިޓީ

ސުއޭޒް ކެނަލްއަށް މިދިޔަ މަހު 552 މިލިއަން ޑޮލަރު

މިސްރުގެ ސުއޭޒް ކެނަލްއަށް މިއަހަރުގެ އެޕްރީލް މަހު 552 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މިއަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ސުއޭޒް ކެނަލްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 476 މިލިއަން އެމެރިކާ ޑޮލަރެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު، މިއަހަރުގެ އެޕްރީލް މަހު އެ ކެނަލް މެދުވެރިކޮށް ދަތުރުކުރި އުޅަނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ކެނަލް މެދުވެރިކޮށް ދަތުރުކުރީ 1731 އުޅަނދެވެ. މިއަހަރުގެ އެޕްރީލް މަހު އެއަދަދު ވަނީ 1814 އަށް އިތުރުވެފައެވެ.

މިސްރުގެ ސުއޭޒް ކެނަލްގައި މިއަހަރުގެ މާޗް މަހު، ބިޔަ ކާގޯ ބޯޓެއް ހުރަސްވެ ކެނަލްގެ ދަތުރުފަތުުރުތައް ހުއްޓުނެވެ. މާޗް 23 ގައި ހުރަސްވި ބޯޓު ފުންކުރެވުނީ މާޗް 29 ގައެވެ.