ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވީއައިއޭގައި - ފައިލް ފޮޓޯ ވީއައިއޭ ޓްވިޓާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 479000 އަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 479،597 އަށް އަރައިފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން، ރާއްޖެއަށް ޒިޔާރަތްކުރިއިރު މާޗްމަހު ރާއްޖެއަށް 109،585 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

އެޕްރީލް މަހު ރާއްޖެއަށް 91،200 ފަތުރުވެރިން ޒިޔާރަތްކުރިއިރު މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރީ 64،613 ފަތުރުވެރިންނެވެ. ހިނގަމުންދާ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 25،214 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 24 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 18.7 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގައި އޮތީ ޖަރުމަނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 5.5 އިންސައްތައަކީ ޖަރުމަނު ފަތުރުވެރިންނެވެ.