ރިސޯޓެއްގައި ދެ ފަތުރުވެރިން: ފައިލް ފޮޓޯ ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 16 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކުރި 139،338 ފަތުރުވެރިންނާއެކު މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.13 މިލިއަނަށް އަރާފައިވާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު މި މުއްދަތާއި އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެމެރިކާ ބައްރުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 25.5 އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.