ހުޅުމާލެ ފޭސް 2 ގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ އެމްޑަބްލިޔުއެސްސީ

29 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބީލަމަށް

ފިނޭންސް މިނިސްޓްރީން، 29 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބީލަމަށްލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުތަކެއްގައިވާ ގޮތުން، އެ މަޝްރޫއުތަކަކީ ޕްލޭނިން މިނިސްޓްރީގެ އެދުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު މަޝްރޫއު ކުރިއަށް ގެންދާއިރު ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުސޫލުން 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ ބީލަމަށްލާފައެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުސޫލުން ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދާ ރަށްތަކަކީ ބ. ދޮންފަނު، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ކިހާދޫ، ބ. ކުޑަރިކިލު، ނ. މަގޫދޫ، ށ. ބިލެތްފަހި އަދި ށ. ނޫމަރާއެވެ.

އޭގެ އިތުރުން ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދާ ރަށްތަކަކީ ކ. ތުލުސްދޫ، ނ. ލަންދޫ އަދި ނ. މިލަދޫއެވެ.

އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި އެ މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށް އިއުލާނުގައިވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ރަށްތަކަކީ ގއ. ކޮނޑޭ، ގދ. ރަތަފަންދޫ، ހއ. މޮޅަދޫ، ލ. މުންޑޫ، މ. ވޭވަށް، ތ. އޮމަދޫ، އއ. ބޮޑުފުޅަދޫ އަދި ދ. ރިނބިދޫއެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ރަށްތަކަކީ ދ. ހުޅުދެލީ، ދ. މާއެނބޫދޫ، ފ. ފީއަލި، ހއ. އުތީމު، ލ. ދަނބިދޫ، ރ. ރަސްމާދޫ، ރ. މާކުރަތު، ތ. ވޭމަންޑޫ އަދި ތ. ބުރުނީ އެވެ. އޭގެ އިތުރުން ހދ. ނައިވާދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ބީލަމަށްލާފައެވެ.

މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ދިވެހި ފަރާތްތަކަށް ހުޅުވާލާފައިވާއިރު މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.