ދައުލަތުގެ އާމްދަނީ ދަށްވިޔަސް، ހަރަދުތައް އިތުރު!
ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެ، ހަރަދުތައް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ 4.59 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު، 5.96 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.37 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 3.94 ބިލިއަން ރުފިޔާ ލިބުނުއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 631.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 4.37 ބިލިއަން ރުފިޔާ އަދި ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ހަރަދަށް ހޭދަވެފައިވަނީ 5.94 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދަށް ހޭދަވެފައިވަނީ 5.15 ބިލިއަން ރުފިޔާއެވެ.
ކޮވިޑް-19 އާ ގުޅިގެން، ރާއްޖެ އާއި މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން، ރާއްޖެއިން އޮން-އެރައިވަލް ވިސާ ދޫކުރުން މިހާރު ވަނީ މެދު ކަނޑާލާފައެވެ.