ދިވެހިރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ހަނިމާދޫ އެއާޕޯޓާއެކު އެ ސަރަހައްދަށް ފަތުރުވެރިކަން ފުޅާކުރަނީ

ހދ. ހަނިމާދޫ އެއާޕޯޓާއެކު އެ ސަރަހައްދަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ ބޮޑު ތިލަންދުންމައްޗަށް ވަރަށް ބޮޑު އިގްތިސާދީ ތަސައްވުރެއް އެބަ އޮތް ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް މި ކުރަނީ. އެ ކުރާއިރުގައި، އެއާޕޯޓް ފީޒަބަލް ކުރުމަށްޓަކައި ދެކޮޅު ޖެއްސުމަށްޓަކައި ވިޔަފާރިތަކެއް އެބަ އުފައްދަން ޖެހޭ. އެގޮތުން އެންމެ މުހިންމު އެއް ދާއިރާއަކީ ޓޫރިޒަމް" ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަމް އާއި ނޮޅިވަރަމްފަރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރީތި ބީޗްތައް ހުރި ބޮޑެތި ރަށްރަށް އެބަހުރި ކަމަށާއި އެ ރަށްރަށަށް ގެސްޓްހައުސްގެ ޑިމާންޑް އަންނާނެ ކަމަށެވެ. އެ ރަށްރަށަށް ދިވެހިންވެސް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ލޯނުގެ އަދަދެއް ކަނޑައަޅައިގެން ގެސްޓްހައުސް އެޅުމަށްޓަކައި ލޯނު ދިނުމުގެ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ. ހދ. އަތޮޅުން ރިސޯޓް ތަރައްގީކުރުމަށް ރަށްތަކެއް ކަނޑައެޅިފައި އޮންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިސޯޓް ހެދުމަށް ރަށް ހޯދުމަށް ދަތި ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ރިސޯޓް ހެދުމަށް ހަމަ ވަރަށް ދަތިކަމަށްވަނީ ރަށްތައް ހޯދަން. އެއަށްވުރެ ބޮޑަށް ގެސްޓްހައުސްއަށް ބޮޑަށް ގޮއްސިއްޔާ ރަނގަޅުވާނެ ކަމަށް ފެނޭ. އެހެން ނަމަވެސް ރިސޯޓްތަކަށް އަޅުގަނޑުމެން އަދިވެސް ބަލާނަން." ރައީސް ވިދާޅުވިއެވެ.

 

ބޮޑު ތިލަދުންމައްޗަށް ފެރީގެ ނިޒާމު އައުމާއެކު ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރިސޯޓްތަކާއި ހަނިމާދޫ އެއާޕޯޓާއެކު ވަރަށް ބޮޑު ބަދަލުތަކެއް، ވަޒީފާގެ ފުރުސަތުތަކާއެކު އަންނާނެ ކަމަށް ތަސައްވަރުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.