އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ސެލްޓަ ވީގޯ

ރާއްޖެއިން ސެލްޓަ ވީގޯ ސްޕޮންސާކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން، ލަލީގާގެ ސެލްޓަ ވީގޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޕެއިންގެ ވީގޯގައި ހުންނަ، ސެލްޓަ ވީގޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ސެލްޓަ ވީގޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބްގެ ރައީސް ކާލޯސް ލޮއުރީނިއޯއެވެ.

ރާއްޖެއިން ސެލްޓަ ވީގޯ ސްޕޮންސާކޮށްފައިވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރު ދައްކާ ގޮތަށް، ތިން އަހަރުގެ މުއްދަތަކަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށާއި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ސެލްޓަ ވީގޯގެ ޖޯޒީގައި، ވިސިޓް މޯލްޑިވްސް ޝިއާރު ބޭނުންކުރާނެއެވެ. އަދި ސެލްޓަ ވީގޯ ކުޅޭ މެޗުތަކުގައި، ސްޓޭޑިއަމްގައި ހުންނަ ލެޑް ބޯޑުތަކަށް ވިސިޓް މޯލްޑިވްސްގެ ޝިއާރު އަރުވާނެއެވެ. އޭގެ އިތުރުން ރާއްޖެ އިސްތިހާރު ކުރަން، ސެލްޓަ ވީގޯގެ ކުޅުންތެރިން ބޭނުންކުރާނެއެވެ.

ސެލްޓަ ވީގޯއާއެކު ވެވުނު އެ އެއްބަސްވުމުގެ ދަށުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް، ގައުމީ ފުޓްބޯޅަ ޓީމަށް ސެލްޓަ ވީގޯގައި ތަމުރީނު ކޭމްޕެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ސެލްޓަ ވީގޯގެ ސީނިއާ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ސެލްޓަ ވީގޯގެ އެކަޑަމީން ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ގައުމީ ފެންވަރުގައި ކުޅޭ ޒުވާން ކުޅުންތެރިންނަށް ސެލްޓަ ވީގޯގެ ޓްރައެލްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.