ޕީޕީއީ ގައި ބަޔަކު ހަރަކާތްތެރިވަނީ: ފައިލް ފޮޓޯ އެޗްޕީއޭ ފޭސްބުކް

ކޮވިޑް-19 : ސިއްހީ އަދި ސޯޝަލް ދާއިރާއަށް 1.46 ބިލިއަން ރުފިޔާ

ކޮވިޑް-19 އާ ގުޅިގެން ސިއްހީ އަދި ސޯޝަލް ދާއިރާއިން މިހާތަނަށް 1.46 ބިލިއަން ރުފިޔާ ހަރަދުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ އަދި ސޯޝަލް ދާއިރާއިން ކުރެވުނު ހަރަދުގެ ތަފުސީލު އާންމުކޮށްފައެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް 868 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ހެލްތު މިނިސްޓްރީއަށް 321 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗަށް 88.4 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

އެމްއެންޑީއެފަށް 42.6 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ޕްލޭނިން މިނިސްޓްރީއަށް 37.3 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް 31.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އާ ގުޅުންހުރި ދަތުރުފަތުރުތަކަށް 55.2 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު މުވައްޒަފުންގެ އެލަވަންސަށް 95 މިލިއަން ރުފިޔާ އަދި ހިންގުމުގެ ހަރަދަށް 186.3 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.