ރޭ ރާއްޖެ އައި މޯލްޑިވިއަންގެ ކާގޯ ފްރައިޓް: ފޮޓޯ މޯލްޑިވިއަން

މޯލްޑިވިއަން އިން މެޑިކަލް ސާމާނު ރާއްޖެ ގެނެސްފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކާގޯ ފްރައިޓެއްގައި މެޑިކަލް ސާމާނު ރާއްޖެ ގެނެސްފިއެވެ.

ޑުބާއީ އިން ރޭ ރާއްޖެ ގެނެސްފައިވަނީ 6237 ކިލޯގެ ކާގޯއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެރިޝަބަލް އަދި މެޑިކަލް ސާމާނު ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަން އިން ދަނީ ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ކާގޯ ދަތުރުތައް ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ މިމަހުގެ 26 ވަނަ ދުވަހު ކޮލަމްބޯ އިން 9810 ކިލޯގެ ކާގޯ ރާއްޖެ ގެނެސްފައެވެ.

މޯލްޑިވިއަން އިން ވަނީ އަތޮޅުތަކުގެ އެއާޕޯޓްތަކަށްވެސް ކާގޯ ދަތުރުތަކެއް ކުރުމަށް ނިންމާފައެވެ. ކަރަންޓީން ފެސިލިޓީތަކުގައި ހޭދަކުރަންޖެހޭ މުއްދަތު ފުރިހަމަކޮށް ދޫކޮށްލާ މީހުން، އެ ދަތުރުތަކުގައި ގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.