ބީއެމްއެލް އިން ގާއިމުކުރި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް: ފޮޓޯ ބީއެމްއެލް

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރު އިތުރު ދެ ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް ސެންޓަރު ދެ ރަށެއްގައި ގާއިމުކޮށްފިއެވެ. ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރު ގާއިމުކޮށްފައިވަނީ ބ. ތުޅާދޫ އާއި ލ. މާވަށުގައެވެ.

ސެލްފް ސާވިސް ސެންޓަރުތައް މެދުވެރިކޮށް، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ.

ތުޅާދޫ އާއި މާވަށުގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ ހިދުމަތް ދޭން ފެށުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އެ ދެރަށުގައި އެ ހިދުމަތް ދޭން ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް." އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

އަލަށް ހުޅުވިގެންދިޔަ މި ދެ ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އަދަދު ވަނީ 45 އަށް އަރާފައެވެ. ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 37 ބްރާންޗް ގާއިމުކޮށް އަދި 105 އޭޓީއެމްގެ ހިދުމަތް އެ ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.