6 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު 11 ބިލިއަން ރުފިޔާއަށް އަރައިފި
ދައުލަތަށް އާމްދަނީގެ ގޮތުގައި 6.2 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު 11.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފުސީލު އާންމުކޮށްފައެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ 83 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އެހީގެ ގޮތުގައި 25.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސް އާމްދަނީ އާއި ނޮން-ޓެކްސް އަދި އެހީ ހިމެނޭ ގޮތަށް ދައުލަތަށް 10 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުވަނީ 11.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 10.5 ބިލިއަން ރުފިޔާގައެވެ.
ސެލަރީ، ވޭޖްސް އަދި ޕެންޝަނަށް މިއަހަރު 4.1 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 3.6 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އާސަންދައަށް 494 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށާއި ސަބްސިޑީޒަށް 598 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ އާމްދަނީގެ ބޮޑު އިންސައްތައަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިހާރު ބަންދުކޮށްފައިވާއިރު ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. ނަމަވެސް ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން އަލުން ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.