ވީއައިއޭގެ މަސައްކަތް ހިނގާ ގޮތް ރައީސް ބައްލަވާލައްވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ދައުލަތަށް 21 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދު 24 ބިލިއަނަށް

ދައުލަތަށް އާމްދަނީގެ ގޮތުގައި 21.69 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު 24.75 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިއަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދެވެ.

ދައުލަތުގެ ހަރަދުގެ 74 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 9 ބިލިއަން ރުފިޔާ ދީފައިވާއިރު އިދާރީ ކަންކަމާއި ހިންގުމުގެ ހަރަދަށް 8.1 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ 70 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވާއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.