އެޑިޔުކޭޝަން މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ އެޑިޔުކޭޝަން މިނިސްޓްރީ

ސްކޫލްތަކަށް ތާމޯމީޓަރު ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

ސްކޫލްތަކަށް ބޭނުންވާ ތާމޯމީޓަރު ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު ސްކޫލްތަކަށް ބޭނުންވާ 500 ތާމޯމީޓަރު ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާނު ކުރީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ އިއުލާނު ބާތިލުކޮށް، އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތާމޯމީޓަރު ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކުރެވިފައިވާ ކަމަށެވެ.

ތާމޯމީޓަރު ހޯދުމަށް ކުރި އިއުލާނު ބާތިލުކުރީ، ހުށަހަޅާފައިވާ ބީލަންތަކުގައި ތަކެތި ސަޕްލައިކުރުމަށް ބީލަންވެރިން ހުށަހަޅާފައިވާ މުއްދަތުގައި އެތަކެތި ހޯދުމަށްފަހު އަތޮޅުތެރޭގެ ސްކޫލްތަކަށް ޖުލައި 1 ގެ ކުރިން ފޮނުވޭނެ ކަމަށް ނުފެންނާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު ޖުލައި 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާލުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ. ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވާލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމަށް ކްލާހުގައި ދަރިވަރުން ތިބޭ އަދަދު މަދުކޮށްފައިވާއިރު، ޔުނީފޯމްގެ ބައެއްގެ ގޮތުގައި މާސްކް ވަނީ ހަމަޖައްސާފައެވެ.