އޮލިމްފަސްގައި ބޭއްވި އިވެންޓެއްގެ ތެރެއިން: ފައިލް ފޮޓޯ އެންސީއޭ

ސިނަމާތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ވަކި ގޮތެއް އަންގަންދެން ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ އެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އިއްޔެ ނެރުނު އެންގުމުގައި، ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް އެންގި އެންގުން ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމަކުން، މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ރާއްޖޭގައި ހިންގުން ހުއްޓާލުމަށް އެންގިއެވެ. ނަމަވެސް އިއްޔެ އެންގި އެ އެންގުމާއެކު، ވަކި ގޮތެއް އަންގަންދެން ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ރާއްޖޭގައި ނުހިންގޭނެއެވެ.