އިދްރީސް އާއި ސަބްރީނާ

އިދްރީސްގެ އަންހެނުން ސަބްރީނާއަށްވެސް ކޮވިޑް-19 ޖެހިއްޖެ

އިނގިރޭސި އެކްޓަރު އިދްރީސް އެލްބާގެ އަންހެނުން ސަބްރީނާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ސަބްރީނާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ، އޭނާގެ ފިރިމީހާ އިދްރީސް އެލްބާއަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

އިދްރީސް އެލްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އޭނާ ހާމަކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާކަން އިދްރީސް ހާމަކުރީ އެދުވަހު އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައެވެ. އަނބިމީހާ ސަބްރީނާ، ކޮވިޑް-19 އަށް ޓެސްޓް ނުކުރާކަމަށް އެ ވީޑިއޯގައި އިދްރީސް ވަނީ ބުނެފައެވެ.

ފިރިމީހާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިހުރެ، އޭނާއާ ދުރުގައި ނުހުރީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބު ދެމުން ސަބްރީނާ ބުނީ ފިރިމީހާ ގާތުގައި ހުންނަން ބޭނުންވާ ކަމަށާއި އަނބިމީހާގެ ހައިސިއްޔަތުން އެހީތެރިވާން ބޭނުންވާ ކަމަށެވެ. ސަބްރީނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ބުނީ އެއީ ސަޕްރައިޒެއް ނޫން ކަމަށެވެ.

އިދްރީސް ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ކޮވިޑް-19 ގެ ވައިރަހަށް އޭނާ ހުށަހެޅެން މެދުވެރިވި ސަބަބުތައް ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. އަދި އާންމުން ގޭގައި ތިބުމަށްވެސް އިދްރީސް ވަނީ އެދިފައެވެ.

ހޮލީވުޑްގެ އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސޮންއަށްވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ.