މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ފިނޭންސް މިނިސްޓްރީ ޓްވިޓާ

ވިޔަފާރިތަކާއި ދިވެހިންގެ ވަޒީފާ ހިމާޔަތްކުރަން 2.5 ބިލިއަން ރުފިޔާ

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް ހުއްޓުނަ ނުދިނުމަށާއި ދިވެހިންގެ ވަޒީފާތައް ގެއްލިގެން ނުދިއުމަށް، ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކުރުމަށް ނިންމައިފިއެވެ.

ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފުކުރަން ނިންމާފައިވާކަން ހާމަކުރެއްވީ މިއަދު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރް ވިދާޅުވީ، ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބޭންކްތައް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. ޖުމްލަ ދެ ބިލިއަން ރުފިޔާ އާހަމައަށް ލޯނު ދޫކުރެވޭއިރު، ލޯނު ދޫކުރެވޭނީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު ތިން އަހަރުން އަނބުރާ ދަށްކާ ގޮތަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރް ވިދާޅުވި ގޮތުގައި، ލޯނު ދޫކުރެވޭނީ މި ދަނޑިވަޅުގައި ދިމާވާ ވާކިން ކެޕިޓަލްތައް ހައްލުކުރުމަށެވެ. ލޯނު ދިނުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތައް ހީނަރުވުމާއި ގުޅިގެން ދިވެހިންގެ ވަޒީފާ ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓާގެ މުސާރަތައް ކުޑަކުރުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް މިނިސްޓަރު އަމީރް ވިދާޅުވިއެެވެ.