ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ހޯރަފުއްޓަށް ފައިބައިވަޑައިގަންނަވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ހުވަދޫ އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް

ހުވަދޫ އަތޮޅުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު "ރަށްވެހި ފަތިސް" ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ. އާއި ގދ.ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ހުވަދު އަތޮޅުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ އެކަން ސަރުކާރުގެ ތެރެއިން ކުރިއަށްދާނެ ކަމަށާއި އެއާޕޯޓް ތަރައްގީކުރާނެ ރަށެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން މިވަގުތު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ.

ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށިގައި އެއާޕޯޓް ތަރައްގީކުރަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.